އީރާނުގެ ޢާންމު ޙާލަތު ރަނގަޅުވެ، ހަނގުރާމައިގެ ސަބަބުން ބަންދުކުރި ހުރިހާ ތަންތަނެއް އަލުން ހުޅުވުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އީރާނުން ހާމަކުރި ގޮތުގައި މާދަމާ އިން ފެށިގެން އެޤައުމުގެ ހުރިހާ ބޭންކުތަކަކުން ވެސް ޢާންމު އުޞޫލުން ޚިދުމަތްތައް ލިބެން ފަށާނެއެވެ.
އީރާނު ސަރުކާރުން ބުނީ ހަނގުރާމައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރި ތަންތަން އަލުން ހުޅުވަން ނިންމީ، މިހާރު އެޤައުމަށް ނުރައްކަލެއް ނެތް ކަމަށް ބެލެވޭތީ ކަމަށެވެ. ނަމަވެސް، އެޤައުމުގެ އަސްކަރިއްޔާ އަދިވެސް އޮތީ ތައްޔާރީ ޙާލަތެއްގައި ކަމަށާއި، ޢަދުއްވުންނަށް އިތުބާރު ނުކުރާނެ ކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
ވޭތުވެދިޔަ ބުދަ ދުވަހު ޙަމަލާތައް ހުއްޓައިލިއިރު، މި ހަނގުރާމައިގައި އީރާނުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން 3,000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 20,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަނގުރާމައިގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނުގެ ގާތްގަނޑަކަށް 24 ސިޓީއެއްގެ 160 އަށް ވުރެ ގިނަ އަވަށަށް ވަނީ ވައިގެ މަގުންނާއި އެހެނިހެން ގޮތްގޮތުން ޙަމަލާތައް ދީފައެވެ. މީގެ ސަބަބުން އެ ސަރަޙައްދުތަކުގެ ޢިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނުން ވަނީ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޝަރުޠުތަކެއް ހުށަހަޅާފައެވެ.
މީގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމެނެނީ އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަގުތުން އުވައިލުންކަމަށް އެޤައުމުން ބުނެއެވެ.



