މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއްވި ގޮތުގައި ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ޙައްޖާއި ޢުމްރާގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމުގެ ފުރުޞަތު އެޤައުމުގެ ސަރުކާރުން މިހާރު ނުދެއެވެ.
ޙައްޖު މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން އެއްވާ ދުވަސްވަރެއް ކަމުން، ނުރައްކާތެރި ޖަރާސީމުތަކުން ރައްކާތެރިވުމަށް ޚާއްސަ ތިން ވެކްސިނެއް ޖެހުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާއަދި އޯރަލް ޕޯލިއޯ ވެކްސިންއެވެ. މި ވެކްސިންތަކަކީ ޙައްޖަށްދާ ކޮންމެ މީހަކުވެސް ކޮންމެހެން ފުރިހަމަކުރަންޖެހޭ ވެކްސިންތަކެކެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަދިވެސް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކުރާ ކަމަށެވެ.
ސިއްޙީ ދާއިރާގެ ބޭފުޅުން ލަފާދެއްވާ ގޮތުގައި ވެކްސިންގެ ފައިދާ އެންމެ ރަނގަޅަށް ކުރުމަށްޓަކައި ދުރާލާ ވެކްސިން ޖަހަންޖެހެއެވެ. އަދި ބައެއް ވެކްސިންތަކުގެ ސަބަބުން ހުމާއި ރޯގާގެ އަސަރު ބައެއް މީހުންނަށް ކުރާތީ، ޙައްޖަށް ފުރުމުގެ ކުރިން އެފަދަ އުނދަގޫތަކުން ސަލާމަތްވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާނެތީ ދުރާލާ ވެކްސިން ފުރިހަމަކުރުން މުހިއްމެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 4 ފްލައިޓެއްގައި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، ކަންކަން އިންތިޒާމުކުރުމަށްޓަކައި އެޑްވާންސް ޓީމު އަންނަ މަހުގެ 4 ވަނަ ދުވަހު މައްކާއަށް ފުރާނެއެވެ.



