މަސައްކަތް ކުރާނީ ރައްކާތެރި ބާއްޖަވެރި ރާއްޖެއެއް ބިނާކުރުމަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކު ކަމަށެވެ. އަދި މި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ރާއްޖެއެއް ބިނާކުރުމަކީވެސް މުހިންމު އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ބިނާކުރަމާ ހިންގަވާ.“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިއްޔެ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަވާފައެވެ.




