ގިރާވަރު ފަޅު ހިއްކުމުގެ މުޅި މަޝްރޫޢު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން މި މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ވެރިކަން ބަދަލުވިއިރު ނިންމިފައިވަނީ އެންމެ 54 ހެކްޓަރުގެ މަސައްކަތް ކަމަށެވެ. އަދި އެ ކުންފުންޏަށް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމުން، މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މަސައްކަތް ހަވާލުކުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”31 ޖެނުއަރީ 2026 ގައި އެމްއޭސީއެލްއިން އެ ފެށީ ބާކީ ހިމެނޭ 97 ހެކްޓަރު ހިއްކަން. 44 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިއްޖެ. 54 ހެކްޓަރު އަދި ހިއްކަން ޖެހޭ. މި މަހުގެ ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ބަލަނީ މުޅި މަޝްރޫޢު.“ މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭނުގައި 5000 ގޯތި ދޫކުރުމަށް އޮތް ނަމަވެސް، އެ ސަރަޙައްދުގެ ބިމުގެ ޖާގައަށް ބަލާއިރު އެ އަދަދަށް ގޯތި ދެވެން ނެތުމުން 1114 ގޯތި ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އާންމުކޮށް އިޢުލާނުކޮށްގެން ފުރުޞަތު ދީގެން ކަމަށާއި، މިހާރު އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޕްލޮޓްތައް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނުހިއްކާ ހުރި ބިންތަކަށް ކުރީ ސަރުކާރުން ރެޖިސްޓްރީ ހަވާލުކުރުމާ ގުޅިގެން އާންމުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ރެޖިސްޓްރީ ހެދޭނީ ހިކިފަސް ތަނަކަށް ކަމަށެވެ. އެހެންކަމުން، ބިމުގެ ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ ނިމުމުން ކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މި މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދެއްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބިން ހިއްކާ ސައިޓަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.



