ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ”ވަޠަނީ ޚިދުމަތުގެ ބިލު“ މަޖިލީހުން ބަލައިގަނެ، އެ ބިލު އިތުރަށް ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ.
މި ބިލަކީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކޮށް، ޤައުމުދެކެ ފަޚުރުވެރިވާ ޤައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރުމެވެ.
ބިލުގައިވާ ގޮތުން މި ޕްރޮގްރާމުގައި އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް 18 އަހަރުނުވާ ކުޑަކުއްޖަކު ޕްރޮގްރާމުގައި ބައިވެރިކުރުވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު އެ ކުއްޖަކު އަމިއްލައަށް ބޭނުންވެގެންނެވެ. މީގެ އިތުރުން، ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެ ފުރުސަތު ލިބޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، ފާސްވުމުންނެވެ.
މި ބިލު ޤާނޫނަކަށް ވުމުން، މިހާރު ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމާއެއްގޮތަށް އަސާސީ ތަޢުލީމާއި ތަމްރީން ކޯހަކާއި ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތް ކުރުމުގެ ބައި ހިމެނޭހެން ޕްރޮގްރާމެއް ހިންގަންޖެހޭނެއެވެ. ޕްރޮގްރާމްގެ ބައިވެރިންގެ ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދު ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެ ކަމަށާއި، އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތަޢުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން، އެއް އަހަރަށްވުރެ ދިގުނުވާ މުއްދަތަކަށް ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ޚިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. މިކަންކަން ހިންގުމަށްޓަކައި ޚާއްސަ ގަވަރނިން ކައުންސިލެއް އެކުލަވާލެވޭނެއެވެ.
މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ނައިބު ރައީސަކީ ދިފާޢީ ވަޒީރެވެ. ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ ދާޚިލީ ވަޒީރާއި، މާލީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސްއެވެ.
މި ކައުންސިލުން ޒުވާނުން މަސައްކަތް ކުރާނެ ވަކި ޚިދުމަތްތައް ކަނޑައަޅާނެއެވެ.




