އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި ލިބުނު ބޮޑެތި ގެއްލުންތަކުގެ ބަދަލު އެ ގައުމުތަކުން ދޭންޖެހޭނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ސަރުކާރުން ހާމަކުރި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށާއި އުމްރާނީ ވަސީލަތްތަކަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ރަޝިޔާގެ ރިއާ ނޮވޮސްޓީ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފެބްރުއަރީ 28 އިން ފެށިގެން ކުރިމަތިވި ހަމަލާތަކުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތްގަނޑަކަށް 270 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މި ބޮޑު ގެއްލުމުގެ ޒިންމާ ހަމަލާދިން ފަރާތްތަކުން އުފުލަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ތެލާއި ގޭސް އުފައްދާ މަރުކަޒުތަކާއި، ޕެޓްރޯކެމިކަލް ކުންފުނިތަކުގެ އިތުރުން ދަގަނޑާއި އެލުމިނިއަމް ފެކްޓްރީތައް ހިމެނެއެވެ. މީގެ އިތުރުން ބްރިޖްތަކާއި، ބަނދަރުތަކާއި، ރޭލްވޭ ނެޓްވޯކްތަކުގެ އިތުރުން ޔުނިވަރސިޓީތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ތަންތަން އަލުން ބިނާކުރުމަށް ގިނަ އަހަރުތަކެއް ނަގާނެއެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު، އީރާނުގެ ސިވިލް އެވިއޭޝަންގެ 60 މަތިންދާބޯޓެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އޭގެ ތެރެއިން 20 ބޯޓު ވަނީ މުޅިން ސުންނާފަތިވެފައެވެ. އެއަރލައިންތަކަށް ލިބުނު ގެއްލުން 190 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ތެހެރާނާއި ތަބްރީޒް ފަދަ ސިޓީތަކުގެ ބައިނަލްއަގުވާމީ އެއަރޕޯޓްތަކުގެ ރަންވޭތަކާއި ކޮންޓްރޯލް ޓަވަރުތަކަށް ވެސް ވަނީ ހަމަލާދީފައެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު ވިދާޅުވީ، އީރާނަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދިން ސަރަހައްދީ ފަސް ގައުމަކުން ވެސް ބަދަލު ދޭންޖެހޭނެ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ޓެކްސްއެއް ނެގުމުގެ ވިސްނުން ވެސް އީރާނުން ގެންގުޅެމުންދެއެވެ.
މުހާޖިރާނީ އިތުރަށް ވިދާޅުވީ، މިހާރު އޮތް އިގްތިސާދީ ހަގީގަތްތަކަށް ބަލާއިރު ހަމަލާތަކުގައި ގެދޮރު ގެއްލުނު އާންމުންނަށް ބަދަލު ދިނުމުގެ މާލީ ގާބިލުކަން މިވަގުތު ސަރުކާރުގެ ކިބަޔަކު ނެތް ކަމަށެވެ. މި މައްސަލަ މިދިޔަ ހަފުތާގައި ޕާކިސްތާނުގައި އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކުގައި ވެސް އީރާނުން ވަނީ ހުށަހަޅާފައެވެ.




