ހުޅުމާލޭގެ ފޭސް 2 އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ބިނާކުރަމުންދާ އާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
އަމާން އުދަރެސް ސަރަހައްދުގައި ބިނާކުރާ މި މިސްކިތަކީ 1،800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ހުޅުމާލޭގެ ފޭސް 2 ގައި ގިނަ އަދަދެއްގެ ފްލެޓްތައް ތަރައްޤީކޮށް މީހުން އާބާދުވަމުންދާތީ، އެ ސަރަހައްދަށް ބޭނުންވާ ދީނީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރުވެސް ފޭސް 2 ގައި ދާއިމީ ތިން މިސްކިތާއި ވަގުތީ ދެ މިސްކިތް ބޭނުންކުރަމުންދެއެވެ.
މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން، ނިމިދިޔަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރުމަށް 19.4 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި މިއަހަރުގެ ބަޖެޓުގައި މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މިއަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުންނެވެ.




