ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ ޖީއެމްޓީ ގަޑިން ފަހެއް ޖަހާއިރު ލުބުނާނާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެ ކަމަށެވެ.
ނަމަވެސް، މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ ކޮން ދުވަހެއްގައި ކަމެއް ޓްރަމްޕް ތަފްޞީލްކޮށްދެއްވާފައެއް ނުވެއެވެ.
ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެ މަނިކުފާނާއި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ލުބުނާނުގެ ރައީސް ޖޫޒީފް ޢޫންއާ ދެމެދު ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި ހަމަލާތައް މެދުކަނޑާލުމަށް ވަނީ މަގުފަހިވެފައެވެ.
މީގެ އިތުރުން، އިތުރު މަޝްވަރާތައް ކުރުމަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޔަހޫދީ އަދި ލުބުނާނުގެ އިސްވެރިންނަށް ދަޢުވަތު އަރުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ދެ ބައި މީހުންގެ މެެދުގައި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމް ކުރުމަށް މަސައްކަތް ކުރުމަށް އެމެރިކާގެ އިސްވެރިންނަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.




