ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގު ފުޅާކުރުމަށްޓަކައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތަކެވެ.
މީގެ އިތުރުން މަގުގެ ދުވާރު ހެދުމަށް ބޭނުންވާ ގައު ޖެހުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީން އިތުރަށް ވިދާޅުވީ، މަގުގެ ދުވާރު ހެދުމާއި، ކަރަންޓު ކޭބަލް ވަޅުލުމަށް ބޭނުންވާ ވަޅުގަނޑުތައް ކޮނުމުގެ އިތުރުން ކޭބަލްތަކުގެ މައި ނަރުތައް ޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
މަޝްރޫޢުގެ ސެގްމެންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް 145 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިމިފައެވެ. މި މަސައްކަތް ވެސް ކުރިއަށް އޮތް ހަފުތާގައި ނިންމާލުމަށްފަހު، ފެން ހިންދާ ކާނުގަނޑުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މީގެ އިތުރުން 5 ވަނަ ސެގްމެންޓްގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި ފޭސްގެ ދަށުން މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަޙައްދުގައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްޤީކުރުން ވެސް ހިމެނެއެވެ.



