ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ރަސްދޫއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ރަސްދޫއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އެމަނިކުފާނު ވަޑައިގަތުމުގެ މާ ކުރިންވެސް، އެ ރަށުގެ ބަނދަރު ސަރަހައްދުން ފެށިގެން ރަށުގެ ތެރެއަށް ގިނަ އަދަދެއްގެ ރައްޔިތުން ސަފު ހަދައިގެން ތިއްބެވެ.

ރަށަށް ފާބާވަޑައިގަތުމަށްފަހު، ރައީސް ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެ ތިބި ރައްޔިތުންނާ ސަލާންކުރައްވައި، އެ މީހުންނާ ވާހަކަދެއްކެވުމުގައި ވަގުތު ހޭދަކުރައްވާފައެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބޮޑު ތާއީދެއް އޮތް ރަސްދޫން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން، ރަސްދޫ ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
ރަސްދޫގެ އިތުރުން، އއ. އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވުނު އުކުޅަހުގެ ހުރިހާ ގޮނޑިއެއްވެސް މިފަހަރު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެމްޑީޕީގެ ބާރުގަދަ ރަށެއްގެ ގޮތުގައި ފާހަގަކުރެވުނު އއ. ތޮއްޑޫއިންވެސް ޕީއެންސީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
މުޅި އއ. އަތޮޅަށް ބަލާއިރު، އެންމެ ގިނަ ގޮނޑިތަކާއެކު ބޮޑު ކާމިޔާބެއް ހާސިލުކޮށް، އެ އަތޮޅުގެ ވޯޓުގެ ބޮޑު އިންސައްތައެއް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.




