މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު އައިސް، އެ އަދަދު މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އަލުން ކަނޑައަޅައިފިއެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 21,836.50ރ. އެވެ.
ޒަކާތު ހައުސް އިން ނެރުނު ބަޔާނެއްގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތައް ވަނީ ސާފުކޮށްދީފައެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެގޮތުން، މިހާރު ރިހީގެ ގުރާމެއްގެ އަގަކީ 36.70ރ. ކަމަށްވާތީ، 595 ގްރާމް ރިއްސަށްވާ ޖުމްލަ އަގަކީ 21,836.50ރ. ކަމަށް އެ އިދާރާއިން ބުނެއެވެ.
ޒަކާތާ ގުޅޭ ކަންކަން ހަރުދަނާކޮށް، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ”މޯލްޑިވްސް ޒަކާތު ހައުސް“ ވެސް އުފައްދަވާފައެވެ.
ސަރުކާރުން ފެށި މި ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޒަކާތް ދައްކާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ތާރީޚުގައި ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 100 މިލިއަން ރުފިޔާއަށް އަރާފައިވާކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.



