ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރު ހޭދަކުރައްވާފައިވާ އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ގައުމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ އެ އޮފިސަރުންގެ ހީވާގި މަސައްކަތާއި ޕްރޮފެޝަނަލިޒަމަށް ޝުކުރު އަދާކުރައްވައި، ވާޖިބު އަދާކުރެއްވުމުގައި އެ ބޭފުޅުން ވެވަޑައިގަންނަވަމުން ގެންދަވާ ގުރުބާނީ ފާހަގަކުރައްވައިފައެވެ. އަދި ފުލުހުންގެ މުއައްސަސާ ހިންގުން ހަރުދަނާ ކުރުމުގައާއި ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުން ތަމްރީނުކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
މިފަދަ ދިގު މުއްދަތެއްގެ ހިދުމަތަކީ ތެދުވެރިކަމާއި، ސާބިތުކަމާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މުއައްސަސާގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކޮށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީވެ ބަދަލުވެގެން އައިސްފައިވާ ގޮތާއި، އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާއި، މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭ ގޮތުން އޮފިސަރުން ތަޖުރިބާ ހިއްސާކުރެއްވިއެވެ.
ކޮމިޝަނަރު ވަނީ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އޮފިސަރުންގެ އިލްމާއި ތަޖުރިބާއަކީ މިހާރު ހިނގަމުންދާ މަސައްކަތްތައް ކުރިއެރުވުމުގައި އަގުނުކުރެވޭފަދަ މުހިންމު ތަޖުރިބާތަކެއްކަން ފާހަގަކުރައްވައިފައެވެ.



