ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުވައިގެން، ވީޑިއޯ ހެދުމުގެ މުބާރާތެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތް އިފްތިތާޙްކޮށްފައިވަނީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ ”ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ“ ނުވަތަ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހާ ގުޅުވައިގެންނެވެ.
މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ދިވެހީންގެ އުފެއްދުންތެރިކަމާއި އައު ޚިޔާލުތައް ދައްކުވައިދިނުމުގެ ފުރުޞަތު އާންމުންނަށް ފަހިކޮށްދިނުމެވެ.
ބީސީސީން ބުނިގޮތުގައި، މި މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް ޓިކްޓޮކް، އިންސްޓަގްރާމް ފަދަ މީސްމީޑިޔާގެ އެކި މަންސަތަކުގައި އަޕްލޯޑް ކުރެވޭނެއެވެ. އަދި ކުރު ފިލްމު ކެޓެގަރީގައި ބައިވެރިކުރާ 3 ނުވަތަ 5 މިނެޓުގެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް އަޕްލޯޑު ކުރުމަށްފަހު، އެ ވީޑިއޯގެ ލިންކު expo@bcc.mv އަށް ފޮނުވަން ޖެހެއެވެ.
މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓެގަރީއަކަށެވެ. އެއީ އެންމެ އުފެއްދުންތެރި ވީޑިއޯގެ ކެޓެގަރީ އަދި އެންމެ މޮޅު ވީޑިއޯ ރީލް ހުށަހަޅާ ކެޓަގަރީއެވެ. މި މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.
އެގޮތުން އެންމެ މޮޅު ވީޑިއޯ އުފައްދާ ފަރާތަކަށް ޑީޖޭއައި ފްލިޕް ފްލައި މޯ ކޮމްބޯ އަކާއި އޮސްމޯ ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު ވީޑިއޯ ރީލްސް ހުށަހަޅާ ފަރާތަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ވީޑިއޯ ހިއްސާކުރާއިރު ބީސީސީގެ މީސްމީޑިޔާ @BCC އާއި މޯލްޑިވްސް އެކްސްޕޯ @EXPOMV އަދި އިކޮނޮމިކް މިނިސްޓްރީ @MOEDT ޓެގް ކުރަންވާނެއެވެ. މީގެ އިތުރުން #mauraz26 ހޭޝްޓެގް ބޭނުންކުރުމަކީ މަޖުބޫރު ކަމެކެވެ. މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަޕްލޯޑް ކުރެވޭނެއެވެ.
ބީސީސީން އިތުރަށް ވިދާޅުވީ، މި މުބާރާތަކީ ހަމައެކަނި ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށާއި، ހުށަހަޅާ ވީޑިއޯތަކަކީ އާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ، އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި އެއްވެސް ސިޔާސީ ފިކުރެއް ނުވަތަ މީހެއްގެ އަބުރަށް އުނިކަން އަންނަ ފަދަ ކޮންޓެންޓެއް ހިމަނައިގެން ނުވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



