ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު އިންޑިއާގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ.
މިއީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި 10 ވަނަ ކްރޫޒްލައިނާއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނިގޮތުގައި، މިއަދު ހެނދުނު މާލެއަށް އައިސްފައިވަނީ ”އެމް އެސް ސެވަން ސީސް މެރީނާ“ ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ. މި އުޅަނދު ރާއްޖެއަށް އައިސްފައިވަނީ އިންޑިއާގެ ގޮއާއިންނެވެ.
މި ކްރޫޒްލައިނާގައި ޖުމްލަ 602 ފަތުރުވެރިންނާއި 459 ކްރޫއިން ދަތުރުކޮށްފައިވެއެވެ. އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ވަނީ މި އުޅަނދުން އައި ފަސިންޖަރުންނާއި ކްރޫއިންނަށް ބޭނުންވާ ކްލިއަރެންސް ދިނުމުގެ މަސައްކަތް މިއަދު ފުރިހަމަކޮށްފައެވެ.
ރާއްޖެއަށް ކަނޑުމަގުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަކަށް އައިސް އިތުރުވަމުންދާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.




