ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސްއާ ދެމެދު ދަތުރުފަތުރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ އެއާލައިންގެ ވިއުގަ ބޭނުންކުރާ ފަސިންޖަރުންނަށް މަންޒިލްތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަޤުވާމީ ވިއުގަ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް، މާލެއިން ބޭރުގައިވާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުޞަތު މޯލްޑިވިއަން އިން ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން ދުނިޔޭގެ މުހިންމު ބާޒާރުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮލަމްބޯ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ މޯލްޑިވިއަންގެ ފަސިންޖަރުންނަށް ވެސް ކޮލަމްބޯ މެދުވެރިކޮށް ބައިނަލްއަޤުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއި އިތުރު އިޚްތިޔާރުތައް މި ޕާޓްނަޝިޕްގެ ސަބަބުން ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާޒު ވިދާޅުވީ، މި ގުޅުމަކީ ރާއްޖެއަށް ދަތުރު ކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، މާލެއިން ބޭރުން އަތޮޅު ތެރެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.




