ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަލާމާތުގެ ރައްދެއް ދެއްވައިފިއެވެ.
ފަޒްނާ މިފަދަ ރައްދެއް ދެއްވީ، ރައީސް ނަޝީދު ހުށަހެޅުއްވި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މޭޒުދޮށަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވައި، އެކަން ނުކުރައްވައިފިނަމަ މުޅި ރާއްޖޭގައި މުޒާހަރާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ އެ ގޮވާލެއްވުމަށް މަލާމާތް ކުރައްވައި މެޑަމް ފަޒްނާ ފުރަތަމަ ވެސް ވިދާޅުވީ ”ލޮލް” ކަމަށެވެ.
މީގެ އިތުރުން ފަޒްނާ ވިދާޅުވީ، ރައީސް ނަޝީދު ނެތް ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު ވެސް އެމްޑީޕީން މުޒާހަރާކޮށް، ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު އޮތް ކަމަށެވެ. އަދި އޭގެ ފަހުން ބޭއްވުނު އިންތިޚާބުތަކުގައި ވެސް އެމްޑީޕީން ވާދަކޮށް ކާމިޔާބީތައް ހޯދަމުންދާކަން ފަޒްނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަނީ ތަފާތު ތުހުމަތުތައް ކުރެއްވާފައެވެ.



