ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާތީ ސަމާލުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ’އެސްއޭއެސް މެޑިކަލް ކޮލެޖް‘ ގެ ނަމުގައި ހިންގަމުންދާ އެ މަރުކަޒަކީ ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 62 ވަނަ މާއްދާއާ ހަވާލާދީ މިނިސްޓްރީން ބުނީ، ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެކަމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އެ ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވާސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ މަނާކަމެކެވެ.



