ބަނޑޭރިކޮށީގައި ނިޔާވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހަދަން އިންޑިއާއަށް ގެންގޮސްފި
ބަންޑޭރިކޮށީގެ މީހުން ދިިރިނޫޅޭ އެޕާޓްމެންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމްއެއް ހަދަން އިންޑިއާއަށް ގެންގޮސްފި އެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ރޭ ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނިފައި ވަނީ ގދ. ހޯނޑެއްދޫ ވިލިނގިލީގެ ހައްމާދު ސައީދު ކަމަށެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލައި ފާސްކުރިއިރު، އޭނާގެ ހަށިގަނޑު ފެނުނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އިންޑިއާއަށް ގެންދިއުމާއި ހަމަޔަށް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ.
ހައްމާދުގެ މަރުގެ މައްސަލަ ފުލުން ދަނީ ތަހުގީގު ކުރަމުންނެވެ. އެހެންނަމަވެސް، މިހާތަނަށް ތަހުގީގާއި ބެހޭގޮތުން ފުލުހުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހަދަނީ ހައްމާދު މަރުވާން ދިމާވި ސަބަބު ދެނެގަތުމަށެވެ.



