އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، ގަލްފުގެ ގައުމުތަކަށް އީރާނުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވައިގެ ދަތުރުފަތުރު މެދުކަނޑާލުމަށް ފަހު އެޅި ފިޔަވަޅުތައް އުވާލައިފިއެވެ.
މި ނިންމުމާއެކު އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އަލުން އާންމު ހާލަތަކަށް ވަނީ ރުޖޫއަވެފައެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ބުނި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަރަހައްދީ ހާލަތާއި ސެކިއުރިޓީގެ ކަންކަން ފުޅާ ދާއިރާއެއްގައި ވަޒަންކުރުމަށްފަހުގައެވެ. އަދި އޭވިއޭޝަންގެ ސަލާމަތްތެރިކަން އެންމެ މަތީ މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި، ކަންކަން ވަގުތުން ބަލައި މޮނިޓާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމިގެންދިޔަ މުއްދަތުގައި ފަސިންޖަރުންނާއި އެއާލައިންތަކުން ދިން އެއްބާރުލުމަށް ޖީސީއޭއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، އެ އޮތޯރިޓީގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓީމުތަކުން ކުރިއަށް އޮތްތަނުގައި ވެސް ކޮންމެފަދަ ހާލަތަކަށް ތައްޔާރަށް ތިބިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ޖީސީއޭއޭ އިން ވަނީ ދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މައުލޫމާތުތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހޯދުމަށް އިލްތިމާސްކޮށްފައެވެ. ޔޫއޭއީން ވައިގެ ދަތުރުތައް އާންމު ހާލަތަކަށް ގެނައުމުގެ ކުރިން، ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ދިޔައީ ވައިގެ ސަރަހައްދު މަޑުމަޑުން ހުޅުވަމުން، ދަތުރުތައް އިތުރުކުރަމުންނެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ދަތުރުތައް އަލުން ފަށަމުން މިދަނީ، އީރާނާއި އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމަށް ފަހު ދާއިމީ ސުލްހަޔަކަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.




