އީރާނުން ދިން ޑްރޯން ޙަމަލާއެއްގައި ޔޫއޭއީގެ ފުޖައިރާގައި ހުންނަ ފުޖައިރާ އޮއިލް އިންޑްސްޓްރީ ޒޯންގައި ރޯވެފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިޔާގެ ތިން ރައްޔިތަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުތަކުން އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ޙަމަލާތަކެެއް ހުއްޓުވުމުގެ މަސައްކަތް ވަރުގަދައަށް ކުރަމުންދާ ކަމަށެވެ. އެގޮތުން، އެ ޤައުމަށް އަމާޒުކޮށް އީރާނުން ފޮނުވާފައިވާ ހަތަރު މިސައިލްގެ ތެރެއިން ތިން މިސައިލް ވައިގެ ދިފާޢީ ނިޒާމުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ދިފާޢީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ވައިގެ ތެރޭގައި ނައްތާނުލެވުނު ހަމައެކަނި މިސައިލް ވެއްޓިފައިވަނީ މޫދަށެވެ. ނަމަވެސް ޑްރޯން ޙަމަލާގެ ސަބަބުން ތެޔޮ ރައްކާކުރާ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ޙަމަލާއަކީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވި ފަހުން، މިފަދަ ގޮތަކަށް ދީފައިވާ ފުރަތަމަ ބޮޑު ޙަމަލާއެވެ.



