”އެމް.ވީ ހޮންޑިއަސް“ ނަމަކަށް ކިޔާ ކްރޫޒް ޝިޕުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ނުރައްކާތެރި ހަންޓާވައިރަސް ފެތުރެމުންދާކަން އެނގުމުގެ ކުރިން، ކްރޫޒް ޝިޕުން ފޭބި 30 ފަސިންޖަރަކު ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން ފަށައިފިއެވެ.
މި ބޯޓު އޮޕަރޭޓްކުރާ ’އޯޝަންވައިޑް އެކްސްޕެޑިޝަންސް‘ އިން ހާމަކުރި ގޮތުގައި، މި ފަސިންޖަރުން ބޯޓުން ފޭބީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ސެއިންޓް ހެލީނާ އަށެވެ.
މި ފަސިންޖަރުން ބޯޓުން ފޭބީ ބޯޓުން ދަތުރުކުރި މީހަކު މި ބަލީގައި މަރުވިތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުންނެވެ. މި 30 ފަސިންޖަރުންނަކީ 12 ތަފާތު ގައުމަކަށް ނިސްބަތްވާ މީހުން ކަމަށްވާއިރު، ކަމާބެހޭ އިދާރާތަކުން މިހާރު މަސައްކަތް ކުރަމުންދަނީ އެމީހުންނާއި، އެމީހުންނާ ބައްދަލުވި އެހެން މީހުން ދެނެގަނެ، ބަލި އިތުރަށް ފެތުރުނަނުދީ ހުއްޓުވުމަށެވެ.
މި ފަސިންޖަރުންގެ ތެރޭގައި އެމެރިކާގެ 6 މީހަކު ހިމެނޭއިރު، އެމެރިކާގެ ހަތަރު ސްޓޭޓެއް ކަމަށްވާ ޖޯޖިއާ، އެރިޒޯނާ، ކެލިފޯނިއާ އަދި ވާޖީނިއާގެ ރަސްމީ އިދާރާތަކުން ދަނީ އެމީހުން މޮނިޓަރ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެމީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.
ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ މި ބޯޓުގައި ބަލި ފެތުރި މިހާތަނަށް ނެދަލޭންޑްސްގެ ތިން މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ފުރަތަމަ ބަލިވި އުމުރުން 70 އަހަރުގެ ފިރިހެނަކާއި، އޭނާގެ އުމުރުން 69 އަހަރުގެ އަންހެނުން ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ތިންވަނައަށް މަރުވި މީހާގެ ހަށިގަނޑު އަދިވެސް އޮތީ ބޯޓުގައެވެ.
މި ބަލީގެ ނުރައްކާ ބޮޑު ނަމަވެސް، އެމެރިކާގެ ސީ.ޑީ.ސީ އިން ބުނެފައިވަނީ އާންމުންނަށް މިކަމުގެ ސަބަބުން އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ދަނީ ބޯޓުން ފޭބި ފަސިންޖަރުންނާ ސީދާ ގުޅައި، ހާއްސަ ޕްލޭނެއްގެ ދަށުން މިކަން މޮނިޓާ ކުރަމުންނެވެ.
މީގެ އިތުރުން، ބޯޓުގެ ފަސިންޖަރަކާ ދިމާވި ފްލައިޓް އެޓެންޑަންޓަކަށްވެސް ބަލީގެ އަލާމާތްތައް ފެނިގެން ނެދަލޭންޑްސްގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.
އޭނާގެ ޓެސްޓުތައް ޕޮޒިޓިވްވެއްޖެނަމަ، އެއީ ބޯޓުން ބޭރުން އެ ބަލި ޖެހުނު ފުރަތަމަ މީހާއަށް ވާނެއެވެ.




