އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށްފަހު، އަލުން ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ފެށުމަށް އެގައުމުން ނިންމައިފިއެވެ.
ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މާދަމާއިން ފެށިގެން އެގައުމުގެ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ފަށާނެ ކަމަށެވެ.
މިއީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައި އޮތް އޮފްލައިން ކިޔަވައިދިނުން އަލުން އިއާދަކުރުމަށް ނިންމި ނިންމުމެކެވެ.
ޔޫއޭއީގެ ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވާދޭން ފެށީ މިމަހުގެ 4 ވަނަ ދުވަހު އީރާނުގެ ވެރިރަށް، ތެހެރާނުން އެގައުމަށް 15 މިސައިލްގެ ހަމަލާއެއް ފޮނުވުމާއި ގުޅިގެންނެވެ. މިއީ އޭޕްރިލް ފަހު ކޮޅު އަމަލު ކުރަން ފެށި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ ތެރެއިން އީރާނުން ދިން ފުރަތަމަ ހަމަލާއެވެ.
އީރާނުން ޔޫއޭއީއަށް މި ހަމަލާ ދީފައިވަނީ އެގައުމުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށެވެ. ނަމަވެސް، ޔޫއޭއީގެ ވައިގެ ސަރަހައްދަށް މިސައިލްތައް ވަނުމާއެކު، އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.




