ލުބްނާނާއި އިސްރާއީލާ ދެމެދު އޮތް ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އެމެރިކާއިން އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކެއްގައި 10 މީހުން ޝަހީދުކޮށްލައިފިއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދިޔަ ނަމަވެސް، އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފަށް ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އިތުރު 45 ދުވަހަށް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި އިއުލާނަށް ފަހު އިސްރާއީލުގެ ނިރުބަވެރި ޑްރޯން ހަމަލާތަކެއް ލުބްނާނަށް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.
ލުބްނާނުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތަކުގައި 10 މީހުން ޝަހީދުވެފައިވާއިރު، އިތުރު 44 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުއްލި ސިއްހީ ފަރުވާދޭ ޕެރެމެޑިކުން ވެސް ހިމެނޭއިރު، ހަމަލާތަކުގައި އެމްބިއުލެންސްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ލުބްނާނުގެ ސިއްހީ ވުޒާރާއިން ވަނީ އިސްރާއީލުގެ މި ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ވުޒާރާއިން ބުނީ ހަނގުރާމައިގެ ހާލަތުގައި ވެސް ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.
މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3,000 އަށް އަރާފައެވެ. މީގެ އިތުރުން 9,000 އެއްހާ މީހުން ޒަހަމްވެފައިވާއިރު، 1.6 މިލިއަން މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްވެ ހަމަލާތައް ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ލުބްނާނުން ބުނަމުންދަނީ އެފަދަ މަޝްވަރާއަކަށް ދެވޭނީ އިސްރާއީލުން މިހާރު އޮތް އެއްބަސްވުމަށް ފުރިހަމައަށް އިހްތިރާމްކޮށްގެން ކަމަށެވެ.




