ޔޫއޭއީއަށް ދިން ޑްރޯން ހަމަލާއެއްގައި އެގައުމުގެ ނިއުކްލިޔާ ކާރުހާނާއެއްގައި އަލިފާން ރޯވެއްޖެއެވެ.
އަބޫދާބީގެ މީޑިއާ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އަލް-ދަފްރާ ސަރަހައްދުގައި ހުންނަ ބަރަކާ ނިއުކްލިޔާ ކާރުހާނާއަށެވެ.
މި ހަމަލާއާ ގުޅިގެން ކާރުހާނާގައި ހުންނަ ކަރަންޓު އުފައްދާ ޖެނެރޭޓަރެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔޫއޭއީގެ ފެޑެރަލް އޮތޯރިޓީ ފޯ ނިއުކްލިޔާ ރެގިއުލޭޝަން (އެފްއޭއެންއާރް) އިން ބުނެފައިވަނީ މި ހަމަލާގެ ސަބަބުން ނިއުކްލިޔާ އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ކާރުހާނާގެ ހުރިހާ ޔުނިޓެއްގެ މަސައްކަތްތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށާއި، ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު އަޅާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް، ފަހަކަށް އައިސް ޔޫއޭއީއަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދެމުންދަނީ އީރާނުން ކަމަށް ބެލެވެއެވެ. އެއީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މީގެ ކުރިންވެސް އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޔޫއޭއީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.



