ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކި ނަމެއް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން މި އޮފީސްތަކަށް ކިޔާނީ ”ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅު) އޮފީސް“ އެވެ. މިސާލެއްގެ ގޮތުން ބޭނުންކުރާނީ ”ލޯކަލް ގަވަމަންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް“ މިފަދަ ނަންނަމެވެ.
އަތޮޅު ކައުންސިލްތައް އުވިގެން ދިޔަ ނަމަވެސް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެހެން އިންތިޒާމްތައް ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވާފައެވެ. ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެއެވެ. މިކަމާ ގުޅޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހާ އެކު، މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ވަނީ ހަމަވެފައެވެ.



