ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑްއަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދޫކޮށްފިއެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ ’ޓިއަރ 1‘ ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ.
މި ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކެއް ގެނައުމާ ގުޅިގެން، އެ ކުންފުންޏަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް މިހާރު ވަނީ ރަސްމީކޮށް ލިބިފައެވެ.
އެމްއެމްއޭއިން ވިދާޅުވީ މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މީގެ އިތުރުން، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ދިވެހިރާއްޖޭގައި ދެމެހެއްޓުމަކީ އެމްއެމްއޭގެ މައިގަނޑު މަޤްޞަދެއް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ.



