ޅ. މާފިލާފުށިން މާލެ އަށް މިއަދު ދަތުރު ކުރި ލޯންޗު ފަޅައިގެން ގޮސް ކަނޑުވި ހުރިހާ ދަރިވަރުންވެސް ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ނޭޝަނަލް ސަވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ދަރިވަރުންތަކެއް ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ކަނޑަށް ބޭލި ކަމަށެވެ.
އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް ފަށައި، މިހާރު އެ ހުރިހާ ކުދިން ވެސް މާލެ ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ލޯންޗުގައި ނޭޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތުގެ އިނީޝަލް ޓްރެއިނިން ކޯސް-2 ފުރިހަމަކުރި ގާތްގަނޑަކަށް 60 ކުދިން ތިއްބެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ލޯންޗުން ދަތުރުކުރި ކުދިން ލައިފްޖެކްޓް އަޅާފައި ކަނޑުމަތީގައި ތިބިއިރު، ލޯންޗުގެ އެއްބައި އޮތީ ކަނޑު އަޑީގައެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 18:04 ހާއިރެވެ.




