ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު އުފެއްދި އާ ކުންފުނީގެ ފުރަތަމަ ފާމަސީ މިއަދު ހުޅުވައިފިއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ ބޭސް ފިހާރަ، އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ހުޅުވައިދެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ.
ސްޓޭޓް ފާމަސޫޓިކަލް އިން ނެރުނު ބަޔާނެއްގައި ބުނީ މެދުކެނޑުމެއް ނެތި ބޭސް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ފާމަސީން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. އެހެންވެ، އެއީ އާއްމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ހާސިލްކުރި މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
ސްޓޭޓް ފާމަސީގެ ފުރަތަމަ ފިހާރައިން އާއްމުކޮށް ވިއްކާ ބޭސްތައް ލިބުމާއި ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި ރާއްޖެއިން ނުލިބޭ ބޭސްތައް ބޭރުން ހޯދައި އާއްމުންނަށް ފޯރުކޮށްދިނުމަކީ ވެސް ކުރާނެ ކަމެކެވެ.
އޭގެ އިތުރުން، އައިޖީއެމްއެޗްގައި އެޑްމިޓު ކޮށްގެން ފަރުވާދޭ މީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ވެސް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.



