ޢީދު ބަންދުގައިވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށް ވެސް ބުންޏެވެ. މެޓުން ބުނީ، މިމަހުގެ 24 ،23 އަދި 25ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.
ޢީދު ބަންދު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުންޏެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ، އެކި ހިސާބުތަކަށް ސަމާލުވެސް ނެރެމުންނެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، އެ އިދާރާއިން ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ، މެންދުރު 12:00އިން އިރުއޮއްސި 6:00 އަށެވެ.



