ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން މިއަދު މެދުކަނޑާލައިފިއެވެ.
މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. މި މަޝްވަރާތައް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެއެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރަން ދައްކަމުން އައި 20 އިންސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑޭނެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި، މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ނިންމެވި މި މުހިންމު ނިންމެވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއިން އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލުމަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް އިނގިރޭސިވިލާތު ރަސްގެފާނު ޗާލްސްއާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް އެދިލެއްވި އެންމެ މުހިއްމު އެއް ކަމަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަޑާލުން ކަމަށް ސަރުކާރުން ބުންޏެވެ.
މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ގައުމުގެ ތެރެއިން ހަތް ގައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކައި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.
ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް އެކްސްޕޯޓް ކުރެއެވެ. އެގޮތުން ދިވެހިރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ.
އިނގިރޭސިވިލާތުން މިއަދު ނިންމި ނިންމުން ދާއިމީކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެޑި ރާއްޖޭގެ ފަރާތުން ކުރިއަށް ގެންދާނެ ކަމުގައި ސަރުކާރުން ބުނެފައިވެއެވެ.
ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތެވެ. އަދި ދިވެހިރާއްޖެއިން ރޯ މެޓީރިއަލް އެކްސްޕޯރޓްކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ވީހާވެސް ގިނައިން މަހާއި މަހުގެ އަގުއެއްކުރި އުފެއްދުންތައް އުފައްދައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ވަކީން ހާއްސަ އިސްކަމެއް ދެއްވައެވެ.
މިގޮތުން، އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް އިނގިރޭސިވިލާތު ރަސްގެފާނު ޗާރލްސްއާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް އެދިލެއްވި އެންމެ މުހިއްމު އެއްކަމަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަޑާލުމެވެ.
މިނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ވާދަ ކުރުމުގެ ފުރުސަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، އަދި މަސްވެރިންނަށް ވިއްކާ އަގު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.
ދުނިޔޭގެ ޕްރިމިއަމް ބާޒާރުތަކުގެ މިސްރާބު މިހާރު ބޮޑަށް ހުރީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަހުން އުފައްދާ މަހާއި މަހުގެ އަގުއެއްކުރި ބާވަތްތަކަށެވެ. މިގޮތުން، އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން، ދިވެހި ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެ ބާޒާރުގައި ވާދަކުރުމުގެ ފުރިހަމަ އަދި ހަމަހަމަ ފުރުސަތެއް މިހާރު ވަނީ ފަހިވެފައެވެ.




