ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަނިކޮށް ޔަހޫދީ ފައުޖުން ހިފެހެއްޓި ”ގްލޯބަލް ޞުމޫދް ފްލޮޓިއްލާ“ (ޖީއެސްއެފް) ގެ އުޅަނދުތަކުން ވަގަށް ނަގައިގެން ގެންދިޔަ 87 މީހަކު ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ދަތުރު އިންތިޒާމްކުރި ފަރާތުންނެވެ.
ޖީއެސްއެފުން މީސް މީޑިޔާގައި ހާމަކޮށްފައިވާ ގޮތުގައި، މި ހަޅުތާލަކީ އެ މީހުންގެ އަމިއްލަ ޙައްޤުތަކުގެ އިތުރުން، ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 9,500 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރިއަށްގެންދާ ހަޅުތާލެކެވެ.
ތުރުކީވިލާތުން ދަތުރުފެށި މި ފްލޮޓިއްލާގައި ހިމެނޭ 54 އުޅަނދު ހުއްޓުވައި، ޔަހޫދީ ސިފައިން ޙަމަލާދީފައިވަނީ ސައިޕްރަސް ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. މި ދަތުރުގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވިއިރު، ޔަހޫދީ ފައުޖުން ވަނީ އެ ހުރިހާ އެންމެން އަސްކަރީ ބޯޓުތަކުގައި ޔަހޫދީންގެ ދައުލަތަށް ގެންގޮސްފައެވެ.
މި ކަނޑުފޭރުމުގެ ޢަމަލު ދިވެހިރާއްޖެ ހިމެނޭހެން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އދން ވެސް ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާމެދު ”ވަރަށް ބޮޑަށް ކަންބޮޑުވާ“ ކަން ހާމަކޮށްފައެވެ.
އދ. ގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލާ ކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރުމަށް ޔަހޫދީންނަށް ބާރުއަޅާ ކަމަށެވެ.




