ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތަކެއް ކަނޑައި ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ، އެކަން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ. އެހެންވެ، ވިލިމާލޭގެ މުހްޔިއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އެފަދަ މަޝްރޫއެއް ހިންގަން ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރާއި ޕްލޭނިންއާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެއާ އެކު، ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގައިވާ ގޮތަށް ވިލިމާލޭގެ ފުނަވަލުގެ ގަސްތައް ހިމާޔަތްކޮށް ދަމަހައްޓައި، ރައްޔިތުންގެ އާންމު މަސްލަހަތުގެ ދިފާއުގައި، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހުމައިދާ އަބްދުލް ޣަފޫރާއި އަހުމަދު އިކުރާމްއެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދުނީ، ފުނަވަލުގައި އެއްވެސް މަޝްރޫއެއް ފެށުމުގެ ކުރިން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާފައި ނެތުމުން ފިޔަވަޅު އަޅައި ދިނުމަށާއި ހިމާޔަތުގެ ދަރަޖަ ދީފައި ހުރި ގަސްތަކަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލަށް އަންގައި އަމުރު ކޮށްދިނުމަށެވެ.
އަދި ފުނަވަލުގައި ހުރި، ހިމާޔަތްކޮށްފައިވާ ގަސްތަކުގެ ދަފްތަރު ގަވާއިދާ އެއްގޮތަށް އަދާހަމަކޮށް، އެ ގަސްތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަ ކުރުމަށް ވެސް ސުޕްރީމް ކޯޓުގައި އެދުނެވެ. މީގެ އިތުރުން ފުނަވަލުގައި ކުރިއަށް ގެންދާ މަޝްރޫއުއަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއްކަމުން، މިފަދަ މަޝްރޫއުއެއް ވިލިމާލޭ ފުނަވަލުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، މަޝްރޫއު ހުއްޓާލުމަށް ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.




