އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވަން މިއަދަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލުކުރީ މިއަދު މެންދުރުފަހު 1:00 އަށެވެ. ނަމަވެސް، އޭނާގެ ދިފާއީ ވަކީލް ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުއެހުން ފަސްކޮށްދޭން ވަނީ އެދިފައެވެ.
އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް ދެން ޝަރީއަތް ބާއްވާނެ ދުވަހެއް އަދި ބުނެފައެއް ނުވެއެވެ.
ދައުލަތުން ވަނީ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އެ ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންއަށް ކުރާ ދައުވާގައި ބުނަނީ ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށެވެ.




