ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުނިމާގެ، ތ. ވިލުފުށި / އާދަމް އަދްލާން ލަތީފް (22އ.) ގެ މައްޗަށް ދެ ދައުވާއަށްކޮށްފިއެވެ.
މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގައި ފުލުހުން ވަނީ އޭނާގެ ވަނަވަރު ވެސް ހާމަކޮށްފައެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެންމެ ފުރަތަމަ ނިންމާފައި ވަނީ، ދައުވާ ނުކުރުމަށެވެ. ނަމަވެސް އެ ނިންމުން އަލުން ބަލަން ފުލުހުންގެ ފަރާތުން އޮތީ އެދިފައެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، މި މައްސަލައިގައި އަދްލާންގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ދެ ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއީ:
1- ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން އެނގިހުރެ ކޮމިއުޓާ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓާ ޑޭޓާ ސްޓްރޯޖް މީޑިއަމްއެއްގައި ކުޑަ ކުއްޖެއް އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ
2- ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ
ފުރަތަމަ ދައުވާއަކީ، ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ، އަސާސީ މިންގަނޑުބަލާއިރު، ސާބިތުވެއްޖެ ނަމަ، ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާ އެކެވެ. މި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރެވެ.
ދެވަނަ ދައުވާއަކީ، ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ، އަސާސީ މިންގަނޑުބަލާއިރު، ސާބިތުވެއްޖެ ނަމަ، އެއްް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާ އެކެވެ. މި ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ތިން މަހެވެ.



