އިދިކޮޅު އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ، އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ރައްޔިތުންގެ މެދުގައި އޮތް މަގުބޫލުކަން ކުޑަވުމުން ކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕަރސަން އިންތިހާބާ ގުޅިގެން، އެ ޕާޓީގެ އެތެރޭގެ މަސްލަހަތު އަނެއްކާވެސް ގޯސްވެފައިވާކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.
އެގޮތުން އެ އިންތިހާބުގައި އެއްކޮޅުން ވާހަކަ ކުރައްވަނީ ރައީސް ނަޝީދެވެ. އަނެއްކޮޅުން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
އެ އިންތިހާބުގައި ރައީސް ޞާލިހު ތާއީދުކުރައްވަން ނިންމަވާފައިވަނީ މީކާއިލް އަށެވެ. އެކަމާ ގުޅިގެން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ޞާލިހު ވިދާޅުވެފައިވަނީ، އެމަނިކުފާނު މީކާއިލަށް ތާއީދު ކުރައްވަން މާކުރިންވެސް ނިންމަވާ އެކަން އިއުލާނު ކުރެއްވި ކަމަށާއި ރައީސް ނަޝީދު އެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަން އިއުލާނު ކުރެއްވީ އޭގެ މާފަހުން ކަމަށެވެ. އަދި އެ އިންތިހާބާ ގުޅިގެން ދެ ރައީސުންގެ މެދުގައި އެއްވެސް ދެބަސްވުމެއް އުފެދިފައި ނުވާކަމަށް ވެސް އެ ރޭ ރައީސް ޞާލިހު ވިދާޅުވިއެވެ.
ނަމަވެސް ދާދި ފަހުން ރައީސް ޞާލިހު ވަނީ، ހަގީގަތުގައި މިހާރު ނަޝީދު ވާންވާނީ އާ ލީޑަރުންނަށް ފުރުސަތުދީ އެއްކައިރިއަކަށް ޖެހިވަޑައިގެން ހުންނަވަން ކަމުގައިވެސް ވިދާޅުވެފައެވެ.
މިއާއެކު ރައީސް ނަޝީދު ގެންގުޅުއްވާ ނުރަސްމީ ”އެކްސް“ އެކައުންޓު (އަނެއް ދިވެހިރާއްޖެ) އިން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ، ރައީސް ޞާލިހަށް ރައްޔިތުންގެ މެދުގައި އޮތް މަގުބޫލުކަން ކުޑަވުމުން ކަމުގައެވެ.



