މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
މާލެއިންނާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑިފައިވާކަން ސްޓެލްކޯއިން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި އެ ކުންފުނިން ދީފައެއް ނުވެއެވެ.
މުޅި މާލެއިންނާ ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު، ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ކުރިއަށްގެންދަން ރާވާފައިވާތީ، އެ އިންޖީނުގެ ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ، މިއީ މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށާއި މި މަސައްކަތަށްޓަކައި ހޮނިހިރު ދުވަހުގެ ފަތިހު 3:00އިން ހެނދުނު 8:00އަށް އެ އިންޖީނުގެ ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް މާލެއިން ވެސް ކަރަންޓު ކެނޑިދާނެ ކަމުގެ އެއްވެސް އިންޒާރެއް ކުރިން ސްޓެލްކޯއިން ދީފައެއް ނުވެއެވެ. އަދި ކަރަންޓު ކެނޑެން މެދުވެރިވީ، އެ މަސައްކަތާ ގުޅިގެންކަން އަދި ޔަގީންވެފައެއް ނުވެއެވެ.




