ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ދަސްވެނިވެއްޖެއެވެ.
މި ތަމްރީނުތަކަކީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މި ތަމްރީނުގައި ބައިވެރިވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިން ކަމަށެވެ. މިފަހަރުގެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމީ ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން 63 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމާލާފައެވެ.
މި ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު 6 ދާއިރާއަކުން ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.



