ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ވަނީ ދަަސްވެނިވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ.
މި މުނާސަބަތުގައި ރައީސް ވަނީ ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމް.އެން.ޑީ.އެފް އާއި ޑިފެންްސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.
”ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުން.“ ރައީސް ވިދާޅުވިއެވެ.
ހަތަރު މަސް ދުވަހުގެ މި ތަމްރީނު ހިންގާފައިވަނީ 15 ޖެނުއަރީ 2026 އިން ފެށިގެން އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު 1 ޖޫން 2026 ގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.




