މިދިޔަ އޭޕްރީލް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރި މިންވަރު 46 ޕަސެންޓަށް ދަށަށް ހިނގައްޖެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 718 މިލިއަން ޑޮލަރުގަ އެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.3 ބިލިއަން ޑޮލަރެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެހާ ބޮޑަށް އުފުލުނު މަހެވެ.
ރިޒާވް ދަށްވެފައިވާ އިރު މިދިޔަ ދެ މަހު ދައުލަތުން ވަނީ ކުރީގެ ސަރުކާރުން ނެގި ބޮޑެތި ދަރަނިތަކެއް އަދާކޮށްފައެވެ.
އޭޕްރީލް މަސް ފެށުނު އިރު ސަރުކާރުން ވަނީ 2021 ވަނަ އަހަރު އިޝޫ ކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދައްކާ ހަލާސް ކޮށްފަ އެވެ. އޭގެ އިތުރުން އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ވެސް އެމްއެމްއޭއިން ވަނީ އަނބުރާ ދައްކައިފަ އެވެ. އަދި މި މަހު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލުގެ ތެރެއިން، 50 މިލިއަން ޑޮލަރު ދައްކާފައެވެ.
ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވް ވެސް ވަނީ 40 ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވްގައި 400 މިލިއަން ޑޮލަރު ހުއްޓެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ޔޫޒަބަލް ރިޒާވްގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް ހުއްޓެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޒާވްގައި 856 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. އެހެންވެ، މި އަހަރުގެ އޭޕްރީލް މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ އެ މަހަށް ވުރެ 16 ޕަސެންޓް ދަށަށް ގޮސްފައެވެ.
މިދިޔަ މަހު ރިޒާވްގެ އަދަދު ވެއްޓުމުގެ ކުރިން މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވާއި ޔޫޒަބަލް ރިޒާވް ދިޔައީ އިތުރުވަމުންނެވެ. ރިޒާވް އޭރު އިތުރުވަމުން ދިޔައީ ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް ޑޮލަރު މާރުކުރާ ވަރު އިތުރުވުމުންނެވެ.



