އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)ގެ މޭޔަރުކަމާއި ސްޓޭޓް މިނިސްޓަރުކަމުގައި އައްޑުއަށާއި، ވަކިން ޚާއްސަކޮށް ހިތަދުއަށް ވަރަށް ބޮޑަށް އިހުމާލުވި ކަމަށާއި، ސޯބެއަކީ އައްޑުއަށް ކަމެއް ކޮށްދެއްވާނެ ބޭފުޅެއް ނޫން ކަމަށް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ރޭގައި ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު (ސޮޑާ)ގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މޭޔަރުކަން ކުރެއްވުމުގެ ފުރުސަތު، ސޯބެއަށް ރައްޔިތުން ދިން ކަމަށެވެ.
”އެހެން ނަމަވެސް ރައްޔިތުން ވިދާޅުވީ ހޯހޯއޭ، ފުދިއްޖެއޭ، ޢަބްދުالله ޞާދިޤަށް ފުދިއްޖެއޭ، އެމްޑީޕީން ވިޔަސް ދެން އެހެން ބޭފުޅެކޭ“ ޝިޔާމް ވިދާޅުވިއެވެ.
އައްޑޫ ރައްޔިތުން އެ ސިޓީގެ ކައުންސިލަށާއި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހޮވީ ފޮނި އުންމީދުތަކަކާއެކު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވަނީ، 2021 ވަނަ އަހަރުގެ އެމްޑީޕީ ކައުންސިލް ޕްރައިމަރީގައި މިހާރުގެ މޭޔަރު ޢަލީ ނިޒާރާ ވާދަކުރައްވައި ސޯބެ ބަލިވިކަން ފާހަގަކުރައްވައިފައެވެ.
”އެމްޑީޕީން ވެސް [ސޯބެއަށް] ބުނީ ނޫނެކޭ، ފުދިއްޖެއޭ،“ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މުޅި އައްޑުއަށް ބަލާއިރު އެ ސިޓީއަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ.




