އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރުން ހާޒިރުކޮށް ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރައްވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންކަމަށް ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މަޖިލީހުގެ މެންބަރުންގެ ޒިންމާއަށް އަލިއަޅުވައިލައްވަމުން އަޒާނު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން ހިންގަވަން ރައްޔިތުން އިންތިހާބުކުރާ ބައެއް ނޫންކަމަށާއި، އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަމުގައި މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް، އެ ދުވެލީގައި ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އަޒާނު ވިދާޅުވީ، ހޮވުމުގެ މާ ކުރީއްސުރެ ސަރުކާރާ ދެކޮޅު ވިސްނުމުގައި މަސައްކަތްކުރުމުގެ އަޒުމުގައި މަޖިލީހަށް ވަޑައިގަންނަވާ މެންބަރުން އެ މަޖިލީހަށް އިންތިހާބުކޮށްފިނަމަ ރައްޔިތުން އެދޭ އެއްވެސް ކަމެއް ނުވާނެ ކަމަށެވެ.
އެމްޑީޕީން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕެއިނުގައި ކުރީގެ ރައީސް ނަޝީދު ސިފަކުރެއެްވި ގޮތުން ސޯބެ މަޖިލީހަށް އިންތިހާބުކުރައްވަން ބޭނުންފުޅުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްކަން ފާހަގަކުރައްވައި އަޒާނު ވިދާޅުވީ އިދިކޮޅު ޕާޓީން ސޯބެ މަޖިލީހަށް ވައްދަން ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި ސްޓެބިލިޓީ ނަގައިލުމަށް ކަމަށެވެ.
ސޯބެ މަޖިލީހަށް ހޮވިވަޑައިގަތުމުން ރައްޔިތުންގެ އަޑުއިއްވަވާނެ ކަމަށާއި، ޕީއެންސީގެ މެންބަރުންނަށް އެކަންނުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށްވެސް އަޒާނު ރައްދު ދެއްވިއެވެ.
އައްޑޫ ސިޓީ ތަމްސީލުކުރައްވާ މަޖިލީހުގެ މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރަކު މިހާރުވެސް އެބަތިއްބެވިކަން ފާހަގަކުރައްވަމުން އަޒާނު ވިދާޅުވީ މި ސަރުކާރުގައި މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވަނީ އަދި މަޖިލީހުގެ ކޮމިޓީތަކުގައިވެސް އައްޑޫގެ ކަންކަމާ ގުޅޭ ގޮތުން ވަކާލާތުކުރައްވަނީ ޕީއެންސީގެ މެންބަރުން ކަމަށެވެ.



