ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މާލޭގެ އުތުރުން ބޮޑު ތަކުރުފާނުމަގުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތްކުރަމުންނެވެ.
ބޮޑުތަކުރުފާނު މަގަކީ ސަރުކާރުގެ އިދާރާތަކާއި، ބެންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދެކެވެ. މީގެއިތުރުން އެސަރަޙައްދަކީ، މާލެއަށް އަރާފައިބާ މީހުން އާންމުކޮށް ބޭނުންކުރާ ސަރަޙައްދެއް ވެސްމެއެވެ. އެހެންކަމުން އެއީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށްވުމާއެކު އެސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އަދި އެސަރަޙައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދެއްކަމުން އެތަނުގައި ޕާކުކުރެވޭނެ އިންތިޒާމު ހުރުމަކީ މުހިއްމުކަމެކެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ސައިކަލް ޕާކުކުރުމަށް، 588 ސްލޮޓްގެ ޕާކިންއެއް ތަރައްޤީ ކުރަމުންދާކަމަށެވެ.
ބެންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގއެއް، އެއީ 1400 އަކަފޫޓުގެ ސަރަޙައްދެއްގައި ޕާކިންގއެއް ހަދަނީ.“ ޝަރުވަޒް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ ޖާގަ ބޮޑުކޮށް އާންމުންނަށް ފަސޭހަވާނެހެން މަގު ތަރައްޤީކުރަމުންދާއިރު މަގުފެހިކުރުމަށްވެސް މިފަހަރު ޚާއްސަ އިސްކަމެއް ދޭނެކަމަށް ޝަރުވަޒް ވިދާޅުވިއެވެ. އެގޮތުން މަގުގެ ކުރިން ނިމުނު ސެގްމަންޓުތައް ހެދުމުގައި ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ހަދަމުންދާ ސެގްމަންޓުތަކުން ނަގާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.


