ވެރިކަންކުރާ ޕީއެންސީގެ ލީޑާޝިޕާއި ސެނެޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، އެންމެންވެސް އެމަނިކުފާނު ދެކެ ނުހަނު ލޯބިވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ރޭގައި ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒުގެ ހުށަހެޅުއްވުމަކާ ދެކޮޅަށް ކަންކަން ނިންމި ކަމަށް، ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ޚަބަރުތަކެއް ދޮގުކުރައްވައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ކަންކަން އިންތިޒާމު ކުރަން ރައީސް މުޢިއްޒު، ހުށަހެޅުއްވީ ހުރިހާ ބާރެއް ލީޑަޝިޕަށް ދިނުމަށެވެ. ނަމަވެސް އެ ހުށަހެޅުއްވުމާ ދެކޮޅަށް ސެނެޓުން ފާސްކުރީ އާންމު މެންބަރުންގެ ތެރެއިން ބަޔަކު ހިމެނޭ ކޮމިޓީއަކުން ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދަން ކަމަށް އެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ފަލާހް ވިދާޅުވި ގޮތުގައި އެއީ ކަނޑައެޅިގެން ދޮގު ޚަބަރުތަކެކެވެ. އަދި ޕާޓީގެ އެންމެންވެސް ރައީސް މުޢިއްޒަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒަށް އޮތް ތާއީދާއި އިތުބާރު ބޮޑު ނަމަވެސް، އެމަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކުގެ އިތުރުން މަޝްވަރާކުރުމުގެ ރިވެތި ސިފަ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން، ނިމިގެންދިޔަ ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައިވެސް ވަކި ކަމެއް ވަކި ގޮތަކަށް ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މުޅި ބައްދަލުވުމުގައިވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް،“ ފަލާހްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.




