ބ. ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތް ކުރުމަށް ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުން ވެސް ކުރިމަތިލެވެ އެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އަންނަ މަހުގެ 4 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ. އިންޓަނޭޝަނަލް ކޮންޓްރެކްޓަރެއް ނަމަ ޓެކްސް ކްލިއަރެންސް ސެޓްފިކެޓް ހުށަހަޅަން ޖެހޭނެއެވެ.
ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހެނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އަދި ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
އާ ޕްރޮޖެކްޓްގެ ދަށުން މިހާރު އެ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ބޮޑުކުރާނެ އެވެ. ޓާމިނަލް ބޮޑުކުރަން ނިންމީ، އެ އެއާޕޯޓު މެދުވެރިކޮށް އަންނަ ޓޫރިސްޓުން އިތުރުވެ، މިހާރުގެ ޓާމިނަލަށް ބާރު ބޮޑުވުމުގެ ސަބަބުން ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ޓާމިނަލް އިތުރަށް ބޮޑުކުރާ އިރު އާ ލައުންޖް ބިލްޑިންއެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ. އާ ޕްރޮޖެކްޓްގެ މަސައްކަތް ކުރަން ޖެހޭނީ، މިހާރު އެ އެއާޕޯޓުން ދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަމަށާއި އެކަމުގެ ޕްލޭންތައް ވެސް ތައްޔާރު ކުރަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.




