މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ސިޓީގައި މަސްފިހާރައެއް ހުޅުވައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫގއި ރޭ ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ.
މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، އައްޑޫ ސިޓީއަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތާއި މިފްކޯއާ ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެއިން ބޭރުގައި ހުޅުވުނު ފުރަތަމަ ފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް އިތުރަށް ވިދާޅުވީ، މި ފިހާރައާއެކު ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އަނަސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެމްޑީ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަހައްޓަވާ އަހަންމިއްޔަތާއި ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މަސްވެރިކަން ކުރިއެރުވުމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ކުރައްވާ މަސައްކަތްޕުޅުތައްވެސް އަނަސް ފާހަގަކުރެއްވިއެވެ.

އައްޑޫގައި ހުޅުވި މި މަސްފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރައެވެ. މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށްވާގޮތަށެވެ.



