ޙައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ އަރަފާތު ދުވަހުގެ ޚުތުބާ، މިއަހަރު ދުނިޔޭގެ 35 ބަހަކުން ތަރުޖަމާކޮށްގެން ފޮނުވުމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ނިންމައިފިއެވެ.
ސައުދީގެ ރިލިޖަސް އެފެއާޒް އިން މިގޮތަށް ނިންމާފައިވަނީ އިސްލާމީ އުންމަތަށް ދެއްވާ މި މުހިންމު މެސެޖު ދުނިޔޭގެ ކޮންމެ ބިތެއްގައި ހުރި މުސްލިމަކަށްވެސް ފަސޭހަކަމާއެކު ދޭހަވާނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.
މިއަހަރުގެ އަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ މަސްޖިދުއްނަބަވީގެ އިމާމު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ބިން ޢަބްދުލްރަޙްމާން އަލް-ޙުޛައިފީ އެވެ. މި ޚުތުބާއަކީ ކީރިތި ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙައްޖަތުލް ވަދާޢުގެ ޚުތުބާގެ ހަނދާންތައް އައުކޮށްދޭ، މުޅި އުންމަތަށް ދެއްވާ މުހިންމު ވަސިއްޔަތްތަކެއް ހިމެނޭނެ ޚުތުބާއެކެވެ.
ޚުތުބަތުލް ވަދާޢުގައި ރަސޫލާ އިރުޝާދު ދެއްވާފައިވާ ފަދައިން، އަރަފާތު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި، ހަމަހަމަކަން ގާއިމުކުރުމާއި، ކެތްތެރިވުމުގެ މައްޗަށެވެ.
އަރަފާތު ދުވަހުގެ ޚުތުބާ ދެއްވާ ނަމިރާ މިސްކިތަކީ ތާރީޚީ ގޮތުން ވަރަށް މުހިންމު ބިނާއެކެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ ކީރިތި ރަސޫލާ ޙައްޖަތުލް ވަދާޢުގެ ދަތުރުފުޅުގައި ފޭލިގެ ޖައްސަވައި މަޑުކުރެއްވި ބިމުގައެވެ. ޚުތުބާ ދެއްވީ އަރަފާތުން ކުޑަ ތަންކޮޅެއް ބޭރުގައިވާ އުރަނާ ވާދީގެ ހުސް ބިމެއްގައެވެ. މި މިސްކިތަށް ނަމިރާގެ ނަމުން ނަންދެވިފައިވަނީ މިސްކިތާ ކައިރީގައިވާ ފަރުބަދައަކަށް ނިސްބަތްކޮށެވެ. މީގެ އިތުރުން މަސްޖިދު އިބްރާހީމް އަލް-ޚަލީލް އަދި މަސްޖިދު އަރަފާ ފަދަ ނަންތައްވެސް މި މިސްކިތަށް ކިޔައި އުޅެއެވެ.
ނަމިރާ މިސްކިތަކީ މިހާރު މައްކާގައި ހުރި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. 110,000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބިނާކޮށްފައިވާ މި މިސްކިތަކީ އެއްފަހަރާ 4 ލައްކަ މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް ތަނެކެވެ.
މި މިސްކިތަކީ އަހަރަކު އެންމެ ދުވަހަކު، އެއީ އަރަފާތު ދުވަހު އެކަނި ނަމާދުކުރުމަށް ބޭނުންކުރާ މިސްކިތެކެވެ.




