ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ މުސްލިމުން ވެސް ދުއާ ކުރުން އިތުރުކޮށް، ތަގްވާވެރިވެ އާޚިރަތަށް ތައްޔާރުވާން ހައްޖު ޚުުތުބާގައި މިއަދު ހަނދުމަކޮށްދެއްވައިފިއެވެ.
ނަމިރާ މިސްކިތުގައި ޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީ ދެއްވި ހައްޖު ހުތުބާގައި މާތްﷲ އަށް ތަގުވާވެރިވެ، އެކަލާނގެ އެއްކައުވަންތަކަން (ތައުހީދު) ގާއިމުކުރުމަށާއި ވީހާވެސް ގިނައިން ދުއާކުރުމަށް ގޮވާލައިފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން އަރަފާތު ބިމުގައި ތިއްބައި މިއަދު އިއްވި ޚުތުބާގައި އެންމެ ބޮޑަށް ބާރު އަޅުއްވާފައިވަނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި މިއަދުން މިއަދަށް ތައްޔާރުވުމަށެވެ.
އެގޮތުން ގިޔާމަތް ދުވަސް އަންނަ ހިނދުގައި މީސްތަކުން ތިބޭނީ މަސްތުގެ ހާލަތެއްގައި ފަދަ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެ ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެވޭނީ ދުނިޔޭގައި ތިބޭއިރު މާތްﷲ އަށް ބިރުވެތިވެ، ތަގުވާވެރިވެގެން ކަމަށް ޚުތުބާގައި ހަނދުމަފުޅު ކޮށްދެއްވިއެވެ.
ޚުތުބާގައި ވިދާޅުވި ގޮތުގައި، ތަގުވާވެރިވުމުގެ އެންމެ މުހިންމު އަސާސަކީ މާތްﷲ އެއްކައުވަންތަ ކުރުމެވެ. އަދި އެކަލާނގެއަށް ޝިރުކުކުރުމަކީ އެންމެ ބޮޑު މަގުފުރެދުން ކަމުގައި ފާހަގަކުރައްވައި، ޝިރުކުގެ އެންމެހާ ކަންކަމުން ދުރުހެލިވުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން، މަރުވެފައިވާ މީސްތަކުން ދިރުއްވައި، ގަބުރުތަކުން ނެރުއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއަށް ވަކީލުކޮށް، އެކަލާނގެ ޒިކުރުކުރުމުން ހިތްތަކަށް މަޑުމޮޅިކަމާއި ކެތްތެރިކަން ލިބިގަތުމަށް މުއުމިނުންނަށް ނަސޭހަތްތެރިވިއެވެ.
އިސްލާމްދީނުގެ ފުރަތަމަ ރުކުނަކީ ތައުޙީދުކަން ފާހަގަކުރައްވައި، ”ލާއިލާހަ އިއްލައްﷲ މުހައްމަދުއް ރަސޫލުﷲ“ ގެ މަތިވެރި ކަލިމައިގެ މައްޗަށް ދީނުގެ އެހެން ރުކުންތައް ކަމަށްވާ ނަމާދު، ޒަކާތް، ރޯދަ އަދި ޙައްޖުގެ އަޅުކަން ބިނާވެފައިވާކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި ﷲ އަށް ބިރުވެތިވާ އަދި ކެތްތެރިވާ އަޅުންނަށް އެކަލާނގެ ދެއްވާނެ ބޮޑުވެގެންވާ ސަވާބާއި ދަރުމައިގެ އުފާވެރި ޚަބަރުވެސް ދެއްވިއެވެ.



