އަޟްހާ އީދުގެ އުފާ ފާޅުކުރަމުން ގެންދާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ރީތީ އާދަކާދަތާ ބީރައްޓެހި ކަންކަމުން ދުރުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
މި އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިއްޔާ ހިތާބުގައި ރައީސް ވިދާޅުވީ މާދަމާގެ އުންމީދު ކަމަށްވާ ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގައި ތިބި ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެ ވެސް އުފާކަމުގައި ދުށުމަށް އީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.
އަދި އަޟްހާ އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސު ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުމެވެ،“ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އަޟްޙާ އީދަކީ، މާތްﷲ ވަރަށް މުހިއްމު އިބުރަތްތަކަކާއި ހިކުމަތްތަކެއް ލައްވާފައިވާ އީދެކެވެ. އެއީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



