އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، (އެސްޑީއެފް) އަށް 923 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް މުޅި ޖުމްލަ 923 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ، 776 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 18 އިންސައްތަ އިތުރު އަދަދެކެވެ.
ސޮވަރިން ފަންޑަށް 923 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު 244 އިންސައްތަ އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 2.5 ބިލިއަން ރުފިޔާއެވެ.
ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާއިރު، މި ދަރަނިތަކަކީ އެކި ދުވަސްވަރު މަތިން ނަގާ މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެއެވެ. މި ދަރަނިތައް އަދާކޮށްފައިވަނީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.




