ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ނޭޕާލުގެ ރައީސް ރިޓަޔަޑް އޮނަރަބަލް ރަމްޗަންދްރަ ޕޯޑެލްއާއި، ބޮޑުވަޒީރު ބަލެންދްރަ ޝާހްގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ ނޭޕާލުގެ ޖުމްހޫރީ ދުވަހަކީ ކުރިއަރަމުންދާ ގައުމެއް ބިނާކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރި އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކުރަންޖެހޭ ތާރީހީ ދުވަހެއް ކަމަށެވެ. ސާކުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތް އަވައްޓެރި ނޭޕާލާއި ރާއްޖެއާ ދެމެދު އޮތް އެކުވެރި ގުޅުމަކީ ރާއްޖެއިން އަބަދުވެސް ފުންކޮށް އަގުވަޒަންކުރާ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ނޭޕާލަކީ މުޅިން ތަފާތު އަމިއްލަ ގައުމީ ޝަހުސިއްޔަތެއް ލިބިގެންވާ، ޝަރަފުވެރި މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ގައުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި ދެގައުމަށް ފައިދާވަނިވި މަސްލަހަތުތައް ކުރިއަށްނެރެ، އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި މި ބަދަހި ގުޅުން ދަމަހައްޓައި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



